History of GA.Maamendhoo


 ގއ.މާމެންދޫ

 ރަށުގެ ވަނަވަރު

ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި ގާތްގަޑަކަށް 208 މޭލުގެ ރާސްތާގައި ހުވަދުއަތޮޅު އިރުބިތުގައި އުތުރުން ދެކުނަށް އޮންނަ މާމެންދޫ އަކީ، ސާފު މާމެންދޫގެ ގޮތުގައި ފާހަނގަ ކުރެވިފައިވާ ރަށެކެވެ. ކޫއްޑޫ ކަނޑު އޮޅީގެ ދެކުނުން އޮންނަ މިރަށް ފަޅުބޮޑު ރަށްރަށުގެ ލިސްޓުން ގުނާލެވެނީ އެއްގަޑިއިރުގެ ރާސްތާގައި ލޮލުކޮޅަށް ފެންނަށް އޮންނަ ދަށުބިތު ކުރެއްދޫ އާއި އެއްފަޅުގައި އޮންނާތީ އެވެ. ރާއްޖޭގެ ފަސްގަޑު ތިރި ރަށްރަށުގެ ލިސްޓްގައި މިރަށް ޖިއޮގްރަފީގޮތުން މިސްރާބު ކުރެވިފައިވަނީ އުތުރު ޢަރުޟުން N0.714994 އިރުޠޫލުން E73.438662 އެވެ. މި ރަށަކީ ދިގުމިނުގައި 1.41 ކިލޯމީޓަރ ހުރިއިރު ފުޅާމިނުގައި 0.47 ކިލޯމީޓަރ ހުރި ރަށެކެވެ. އާބާދީގައި 1515 މީހުން ހިމެނޭ މާމެންދޫގައި 706 އަންހެނުންނާއި 814 ފިރިހެނުންނެވެ. ރަށުގައި މާމެންދޫ ސްކޫލުން ގްރޭޑް 12 ގެ ފެންވަރަށް ކޮމާސް ސްޓްރީމާއި، ސައިންސް ސްޓްރީމަށް ކިޔަވައިދެމުންދާއިރު ސްކޫލުގައި  312 ދަރިވަރުން ތަޢުލީމް ޙާޞިލުކުރަމުންގެންދެއެވެ. ތުއްތު ކުދިންގެ ތަޢުލީމުދޭ ޕްރީސްކޫލެއް އަމިއްލަ ފަރާތްތަކުން ޤާއިމްކޮށް އެތަނުން  ނާސަރީއާއި، އެލްކޭޖީ، އަދި ޔޫކޭޖީއަށް ކިޔަވައިދިނުން 2016އިން ފެށިގެން މެދުކެޑުމަށްފަހު ގއ.މާމެންދޫ ސްކޫލުން މިޚިދުމަތް މިހާރުދަނީ ދެމުންނެވެ. މާމެންދޫ ޞިއްޙީ މަރުކަޒުން ޑަކްޓަރަކާއި 04 ނަރުހުންނާއެކު 16 ގަޑިއިރުގެ ޚިދުމަތްލިބެއެވެ. ނަމަވެސް ޞިއްޙީ މަރުކަޒުން ދެވޭ ޚިދުމަތުގެ ފެންވަރު ދަށްކަމުގެ ވާހަކައާއި ރަށުން ޓެސްޓް ނުހެއްދޭ ވާހަކައާކީ އަބަދުހެން ރައްޔިތުން ދައްކަމުންދާ ވާހަކަތަކެވެ. ޞިއްޙީ މަރުކަޒުގެ ގޯތި ތެރޭގައި އެސްޓީއޯގެ ބޭސްފިހާރައެއް 2016ވަނަ އަހަރުން ފެށިގެން ގާއިމްކޮށް އާސަންދައިގެ ޚިދުމަތް ލިބެމުންދެއެވެ.  މާމެންދޫ ރައްޔިތުންގެ އިންޖީނުގެއިން 24 ގަޑި އިރު ކަރަންޓްގެ ޚިދުމަތް ރަށަށް ލިބެމުންދެއެވެ. އަދި މިހާރު ރައްޔިތުންގެ އިންޖީނުގެއިން މި ޚިދުމަތްދެމުން ގެންދަނީ ރައްޔިތުންގެ ދިނުމަކާ ނުލައި އަޕަރ ސައުތު ޔުޓިލިޓީޒް ކުންފުނިންނެވެ. ބޯފެނާއި ފާޚާނާގެ ޚިދުމަތް އެކަށީގެންވާގޮތަކަށް މާމެންދޫއަށް ލިބެމުން ނުދެއެވެ. ނަރުދަމާ ނެތުމުގެ ދަތިކަމުގެ ވާހަކައަކީ އަބަދުހެން މި ރަށުގެ ރައްޔިތުން ދައްކަމުންދާ ވާހަކައެކެވެ.
ދެ ޖިންސްގެ މީހުން ނަމާދުކުރުމަށް ވަކިން 2 މިސްކިތް ހަމަޖައްސާފައިވާއިރު ފިރިހެނުން ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތުގައި 350 މީހުންނަށް އެއްފަހަރާ ނަމާދުކުރެވެއެވެ. ނަމަވެސް ބައެއް ދުވަސްތަކުގައި މިސްކިތް ފުރޭތީ އެކަމަށް ޙައްލެއް ހޯދުމަށް 750 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ވަރުގެ މިސްކިތެއް ބިނާކޮށް 2016ޖޫން މަހު ތެރޭގައި ވަނީ މިސްކިތް ބޭނުންކުރަން ފަށާފައިވެ. އާ މިސްކިތް (މަސްޖިދު ޚާލިދުބުނި ވަލީދު) ، ކުރީގެ މިސްކިތް (މަސްޖިދުލް ވަޙްދާ) އަދި އަންހެން މިސްކިތް (މަސްޖިދުލް ރިޔާޟް) ވަނީ ބަންދުކޮއްފައެވެ.
1998 ވަނަ އަހަރު ފަޅުފުންކޮށްތޮށިގަޑު ލެވިފައިވީނަމަވެސް ދުވަސްވެ އެއްގަމު ތޮށިގަޑު އެއްކޮށް ކަހަލަގޮތަކަށް ހަލާކުވުމުގެ އިތުރުން ފަޅު ކުޑަކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން އަބަދު ކުރަމުންދާތީ، 2013 މާރޗް މަހު ސަރުކާރުން އެމްޓީ ހޯގާޑާއި ފަޅު ފުންކުރުމުގެ މަސައްކަތް ޙަވާލުކޮށް 1200 ފޫޓަށް ފަޅު ބޮޑުކޮށް އެއްގަމުތޮށިލައި ރީތި ބަނދަރެއް ހައްދަވާ ދެއްވާފައި ވެއެވެ.
މައިގަޑުގޮތެއްގައި ރަށުގެ އިޤުތިޞާދު ހިފަހައްޓަނީ މަސްވެރިކަމުންނެވެ. މަސްވެރިކަންކުރާ 3 އުޅަނދާއި ފެރީ ކުރާ 2 އުޅަދާއި 4 ލޯންޗާއި  10 ވަރަކަށް ކުދި ލޯންޗް އޮވެއެވެ. ބާނާމަސް ކޫއްޑޫއަށާއި އަތޮޅުގެ އެހެނިހެން ރަށްރަށަށް ވިއްކަމުންގެންދެއެވެ. ޢާއްމު ދިރިއުޅުމުގައި ކުރާ ހުރިހައި ބާވަތެއްގެ މަސައްކަތްތަކުގެ ފަންނުވެރިންނާއި ފާޑުވެރިން ރަށުގައި އެބަތިއްބެއެވެ. އެބައިމީހުންގެ ޚިދުމަތް ރަށަށާއި އަތޮޅަށް ފޯރުކޮށްދެއެވެ. ތެދުއިވަޑާމާއި ކިއްސަރުވަޑާމާއި ފައިބަރު އުޅަދު އުފެއްދުމާއި ވެލްޑިންގ ކުރުމާއި ފެހުމާއި، މާޖެހުމާއި، ރާނާ ސިމެންތިޖެހުމާއި، ދަނޑުވެރިކަމާއި، ރާވެރިކަމާއި، ދިވެހިބޭސްވެރިކަމާއި ރުޤުޔާ އަކީ މާމެންދޫގެ ދަރިންނަށް އާކަމެއްނޫނެވެ.  
ރަށަށް ލިބިފައިވާ ޚާއްޞަ އެއްސިފައެއް ކަމުގައި ޢާއްމުވެފައިވަނީ މެހުމާންދާރީ ރަނގަޅު ރަށެއްގެ ގޮތުގައެވެ. އަދި ރަށުގެ ނަންބުނެލުމުން ހިތަށް ފިނިކަންލިބޭ ސިއްރަކީ ވެސް އެއީ ކަމަށް ބެލެވެއެވެ. 

                     12.12.2020 އަޕްޑޭޓް
........................................................................................................................................................................



ބީއެމްއެލް އިން ގއ. މާމެންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި


 
17އޭޕްރިލް 2020 | ހުކުރު 13:51 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަތޮޅުތެރޭގައި ކުރަމުންދާ އިންެވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ގއ. މާމެންދޫގައި ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ، މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ބީއެމްއެލުން އިން ބުނީ، ގއ އަތޮޅުގެ އެ  ރަށުގައި ދެވުނު އޭޓީއެމް ޚިދުމަތާއެކު ގއ. އަތޮޅު ވިލިނގިލީގައި ބްރާންޗް އަދި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ވެސް ދެވެމުންދާ ކަމަށެވެ. މީގެ އިތުރުން ގއ. އަތޮޅުގެ 6 ރަށެއްގައި މިވަނީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރތައް ގާއިމްކުރެވިފައިވާ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

މި ރަށްތަކަކީ ކޮލަމާފުށި، ދާންދޫ، މާމެންދޫ، ނިލަންދޫ ،ގެމަނަފުށި، އަދި ކޫއްޑޫ އެވެ. އަދި ހަމައެހެންމެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ޚިދުމަތް ދެމުންދާ ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

                               





....................................................................................................................................................................

ގަރުނެއް ވަންދެން ގެއްލިފައިވާ މާމެންދޫ އާއިލާއެއްގެ ވާހަކަ!

  • މިހާރު ގާތްގަނޑަކަށް 105 އަހަރު ވަނީ ވެފައި
  • ކާފަ ކިޔާ 100އަށް ވުރެ ގިނަ ކުދިން ދުނިޔޭގައި އެބަތިބި

 23 ޑިސެންބަރ 2018 | އާދީއްތަ 16:27


މިއީ ގއ. މާމެންދޫގައި ދިރިއުޅޭ އައްޑޫ މީހެއްގެ ވާހަކައެކެވެ. މި ވާހަކަ ހާއްސަވަނީ މި ވާހަކަ ގަރުނެއްހާ ދުވަސް ކުރިއަށް ގޮސް ގުޅޭތީއެވެ. އައްޑޫ އަށް ނިސްބަތްވާ ކޮއްޔާބިޔާގެ ހުސެއިންބެއްޔާގެ އުމުރުން މިހާރު 100 އަހަރަށް ވުރެ މަތިވާނެ ކަމަށް ބުނެވެއެވެ. ނަމަވެސް އައްޑޫގައި އޭނާގެ ބޮޑު އާއިލާއެއް އޮތްކަން މިއޮތް ހުރިހާ ދުވަހު އޭނާއަކަށް ނޭނގެއެވެ. 

ނަވާރަ ސަތޭކައިގެ ކުރީކޮޅު އައްޑޫ ސިޓީ މަރަދޫގެ ދަންޑެހެލެ ކޮއްޔާބިޔާގެ ހުސެއިންބެއްޔާ ކޮޅުނބަށް ކުރި ދަތުރެއްގައި ފިލައިގެން ދިޔަ ކަމަށް އާއިލާގެ ދުވަސްވީ މީހުން ބުނެއެވެ. އެހެން ކަމުން ހުސެއިންބެއްޔާގެ ހަބަރެއް ނުވެ އަހަރުތަކެއް ވެއެތުވެގެން ދިއުމުން މަރަދޫގައި ތިބި އާއިލާގެ ގިނަ މީހުން ނިންމީ ހުސެއިންބެއްޔާ ދުނިޔޭގައި ނެތް ކަމަށެވެ. އޭރު މުވާސަލާތީ ވަސީލަތްތައް މަދުކަމާ އެކު އާއިލާ މީހުން ހޯދުމަށް މާބޮޑު މަސައްކަތެއް ވެސް ކޮށްފައެއް ނުވެއެވެ.

ނަމަވެސް ހުސެއިންބެއްޔާގެ ކުދިން ކައިރީ އޭނާއަކީ އައްޑޫ އަތޮޅު މަރަދޫއަށް ނިސްބަތްވާ މީހެއް ކަމަށާއި އާއިލާގެ ބައެއް މެމްބަރުންގެ ނަންތައް ވެސް ވަނީ ކިޔައިދީފައެވެ. އެހެންނަމަވެސް މިވީހާ ދުވަހަކު ހުސެއިންބެއްޔާގެ މަރިޔަމް ވަހީދާ ފިޔަވައި އެހެން އެއްވެސް ކުއްޖަކު އައްޑޫއަށް ގޮސްފައިނުވާ ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި ވަހީދާ ކިޔައިދިނެއެވެ. ވަހީދާ ބުނި ގޮތުގައި އޭނާގެ އުމުރުން 10 އަހަރުގައި މަންމަ ބަލިވެގެން އައްޑޫއަށް ދިޔަ ނަމަވެސް އާއިލާގެ އެއްވެސް މީހަކާ ދިމާވެފައި ނުވާ ކަމަށާއި އައްޑޫއަށް މަންމަ ނިޔާވުމާ އެކު އެނބުރި މާމެންދޫއަށް އައިސް އާއިލާގެ ކަންތައްތައް ކުރުމުގައި ޒިންމާ އުފުލަން ޖެހުނު ކަމަށެވެ. އެހެންކަމުން ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން އާއިލާ ހޯދުމަށް މާބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އަދި އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އައްޑޫއަށް ދެވިފައި ނުވާ ކަމަށް ވެސް ވަހީދާ ކިޔައިދިނެވެ. އެހެންކަމުން އައްޑޫގައި އޭނާގެ އާއިލާގެ އެތައް ބަޔަކު އުޅޭކަން އޮތީ ނޭނގުމެއްގެ ތެރޭގައެވެ. 

ވަހީދާ އިތުރަށް ބުނި ގޮތުގައި އާއިލާގެ މީހެއްގެ ގޮތުގައި އެންމެ ފުރަތަމަ ދިމާވީ 2003 އަހަރުގެ ތެރޭގައި އެރަށުގައި އޭރު ހުރި ފޯނު ބޫތު ކައިރިން ދިމާވި ފިރިހެނަކާއެވެ. އެއީ ކޮއްޔާބިއްޔާގެ އިބިރިހިމްބެއްޔާގެ ހަސަން ޒަރީރު ކަމަށެވެ. އެ ދުވަހުގެ ވާހަކަ ކިޔައިދެމުން ޒަރީރު ބުނީ ވަހީދާއާ ދިމާވެގެން ވާހަކަ ދެއްކުމުން އެއީ އައްޑޫ މަރަދޫ އާއިލާއަކަށް ނިސްބަތްވާ މީހެއް ކަމަށް ބުނި ކަމަށާއި މައުލޫމާތު އޮޅުންފިލުވި އިރު ވަހީދާގެ ބައްޕަ އާއި އޭނާގެ ބައްޕައަކީ ދެބެއިން ކަމަށެވެ. އެހިސާބުން ހުސެއިންބެއްޔާއާ ބައްދަލުކޮށް ވާހަކަ ދެއްކުމުން އާއިލާގެ ބައެއް މެމްބަރުންގެ ވާހަކަ އަހައި އޮޅުންފިލުވި ކަމަށް ޒަރީރު ބުންޏެވެ. އަދި މާމެންދޫގައި ތިބި އާއިލާ މީހުންނާ ބައްދަލުކުރުވި ކަމަށް ވެސް ބުންޏެވެ. ނަމަވެސް އައްޑޫގައި ތިބި ހުސެއިންބެއްޔާގެ އާއިލާ މީހުންނަށް އޭނާ ދުނިޔޭގައި ހުރިކަމަށް ބުނެ ޒަރީރު ދެއްކި ވާހަކަ ގަބޫލުކުރަން އެހާ ފަސޭހަކަމަށް ނުވިއެވެ. ސަބަބަކީ އެހާ ސަމާން ފަހުން އެކަން އެނގުމެވެ. އާއިލާގެ އެހެން މެންބަރުންނަށް އެއީ ގަބޫލުރަން ދަތި ވާހަކައަކަށް ވިޔަސް ޒަރީރަށް މާމެންދޫ އަށް ގޮސް އޭނާގެ ގެއްލިފައިވާ ހުސެއިންބެއްޔާއާ ދިމާވި ހިސާބުން ފެށިގެން އޭނާ ދިޔައީ އެ އާއިލާއާ ގުޅުން ބާއްވަމުންނެވެ. 

ހުސެއިންބެއްޔާ އެންމެ ފުރަތަމަ ކައިވެނި ކުރީ ގދ. ތިނަދޫ މީހަކާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން ކައިވެނި ކުރި އަންހެން މީހާ ދޫކޮށް ހައޮއްޑާ ކިޔާ ރަށަކަށް ހުސެއިންބެއްޔާ ގޮސް، އެރަށުގައި ވަޒަންވެރިވެ އެރަށުން މީހަކާ ކައިވެނިކުރިއެވެ. އޭގެ ދުވަސްތަކެއް ފަހުން ހައޮއްޑާގެ މީހުން އެއަތޮޅު އެކި ރަށްރަށަށް ބަދަލު ކުރުމުގެ ތެރޭގައި ހުސެއިންބެއްޔާ އާއި އަންހެނުން މާމެންދޫގައި ވަޒަންވެރިވިއެވެ. އަދި ތިން ފިރިހެން ކުދިންނާއި ތިން އަންހެން ކުދިން ލިބުނެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ އެއް އަންހެނަކާއި ތިން ފިރިހެނުންނެވެ.

 ނަމަވެސް މި ކުދިންގެ އިތުރަށް، ތިނަދޫއިން ކައިވެނި ކުރި މީހާއަށް އަންހެން ކުއްޖެއް ލިބިފައިވެއެވެ. މި ކުއްޖާ ކުޑައިރު އައްޑޫއަށް ގެންގޮސް ހުރިހާ ކަމެއްކޮށްދީ ހަދާފައި ވަނީ ހުސެއިންބެއްޔާ އާއި އެއްބަފާ އިބިރިހިމްބެއްޔާ އާއި އިސްމެހެލެބެއްޔާ އާއި އާމިންދިޔެއެވެ. މިހާރު މަރަދޫ ފޭދޫގައި މި އަންހެންމީހާގެ ކުދިން ތިބި އިރު އޭނާ މި ދުނިޔެއަކު ނެތެވެ. އަދި ކުދިންނަށް ވެސް އެނގިފައިވާ ގޮތުގައި އެ މީހުންގެ ކާފަ ވަނީ ނިޔާވެފައެވެ. ހުސެއިންބެއްޔާގެ މައުލޫމާތު އެކި ދިމާލުން އެއްކުރުމުގެ ތެރޭގައި މަރަދޫ ފޭދޫގައި ހުސެއިންބެއްޔާއަށް ކާފަކިޔާ ކުދިން ތިބި ކަން ވަނީ އެނގިފައެވެ. އަދި މަރަދޫ ފޭދޫގައި އެއްބަފާ މީހަކު ހުންނަ ކަމަށް ހުސެއިންބެއްޔާގެ މާމެންދޫ ބަނޑަށް ލިބިފައި ތިބި ކުދިންނަކަށް ވެސް ނޭނގެއެވެ. އެހެންނަމަވެސް ތިނަދޫ އިން މީހަކާ ކައިވެނި ކުރި ކަމަށް ހުސެއިންބެއްޔާ ވަނީ ކުދިން ކައިރީ ބުނެފައެވެ.

މި ވާހަކަ އަށް ބޮޅެއް އިތުރުވެ ކުރިފަޅައިގެން ދިޔައީ ފްލައިޓެއްގެ ތެރެއިންނެވެ. ހުސެއިންބެއްޔާ އަށް ކާފަ ކިޔާ ޝަފީއު ތައުފީގާއި ކޮއްޔާބިޔާ އާއިލާއަށް ނިސްބަތްވާ ހުސެއިން ސަދީގު ދިމާވީ ފްލައިޓެއްގެ ތެރެއިންނެވެ. ދެ މީހުންގެ މެދުގައި ދެކެވުނު ވާހަކަ އިން ދެމީހުންނަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. މީގެ ކުރިން ނުދަންނަ ދެމީހުންގެ މެދުގައި ދެކެވުނު ވާހަކަ އިން އެ ދެ މީހުންނަށް އެނގުނީ އެއީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހުން ކަމެވެ. އެ ހިސާބުން އެ ދެ މީހުންގެ އަޒުމަކަށްވީ ގެއްލި ބެހިފައިވާ އެ މީހުން އާއިލާ ކޮންމެ ވެސް ގޮތަކުން އެއްތަންކުރުމެވެ. ޓެކްނޮލޮޖީގެ މި ޒަމާނުގައި އެއީ އެހާ އުނދަގޫ ކަމަކަށް ނުވި ނަމަވެސް އެކަމަށް ދުވަސްތަކެއް ހޭދަވިއެވެ. އާއިލާގެ ގިނަ މެމްބަރުން ހިމެނޭ ގޮތަށް ވައިބަރ ގުރޫޕެއް ވަނީ ހަދާފައެވެ. އަދި ގުރޫޕު ތެރޭގައި އާއިލާ ހޯދުމަށް ވަނީ ވަރަށް ގިނަ މައުލޫމާތުތައް އެއްކުރެވިފައެވެ.

 އެމީހުން ކުރި މަސްކަތުން މުޅި އެ އާއިލާ އަށް ނިސްބަތްވާ 150 ވަރަކަށް މީހުންނަށް އެ މެސެޖް ފޯރުކޮށްދެވުނެވެ. އަދި އެންމެން އެއްތަންވާނެ ގޮތަކާ މެދު މަޝްވަރާކުރެވި އެންމެ ފަހުން ނިންމީ އަހަރުގެ ބޮޑު ޗުއްޓީގައި މާމެންދޫ އަށް ދިއުމަށެވެ. ގެއްލިފައިވާ ހުސެއިންބެއްޔާ އަށް ޒިޔާރަތްކުރުމަށެވެ. އެ އާއިލާގެ ގާތްގަނޑަކަށް 150 މީހުން ވަނީ ހޮނިހިރު ދުވަހު މާމެންދޫއަށް ގޮސް ހުސެއިންބެއްޔާއާ ބައްދަލުކޮށްފައެވެ. އަދި މުސްކުޅި ބަލީގައި އޮތް ނަމަވެސް އިރާދަފުޅާ އެކު އާއިލާ މީހުންގެ ނަންތައް ބުނުމުން އެއީ ބޭބެ ކަމާއި މިވެނި މިހަކީ ކޮއްކޮ ކަމަށް ހުސެއިންބެއްޔާ އަށް އެނގުނެވެ. 

ހުސެއިންބެއްޔާ އުމުރުން މިހާރު ގާތްގަނޑަކަށް 105 ވެފައިވާއިރު ކާފަ ކިޔާ 100 އަށް ވުރެ ގިނަ ކުދިން ދުނިޔޭގައި އެބަތިބިއެވެ. އޭގެ ތެރޭގައި ކުރީގެ އިސްލާމިކް މިނިސްޓަރ އަދި 2018 ވަނަ އަހަރު ރައީސް ޔާމިންގެ ރަނިން މޭޓަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ހަސަން އަލީއަކީ ވެސް ހުސެއިންބެއްޔާއަށް ކާފަ ކިޔާ ކުދިންނެވެ. ޑރ. ޝަހީމް ވެސް ވަނީ އުފާވެރި މި ވަގުތުކޮޅުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. 

މިފަދަ ގޮތަކަށް އާއިލާ މީހުންނާ ދިމާވުމުން މިއީ އަޖައިބެއްގެ ގޮތަށް ގިނަ މެމްބަރުން ވަނީ ސިފަކޮށްފައެވެ. އަދި މިކަހަލަ އުފާވެރި ދުވަހެއް ދެން އަންނާނީ އައްޑޫގައި ތިބި އާއިލާ ހުރިހާ މެމްބަރުންނާ ދިމާވެގެން ކަމަށް ވަނީ ބުނެފައެވެ. އެމީހުންގެ މިހާރުގެ އުންމީދަކީ ހުސެއިންބެއްޔާ ދުނިޔޭގައި ހުއްޓާ އާއިލާގެ ބާކީ ތިބި މެންބަރުންނާ ދިމާވުމެވެ. އެ އާއިލާ އަށް ނިސްބަތްވާ އެތައް ބަޔަކު އަދިވެސް އައްޑޫގައި އެބަ ތިއްބެވެ. އެމީހުން މިހާރު މަސައްކަތްކުރަމުންދަނީ ހުސެއިންބެއްޔާ އަށް އޭނާގެ އާއިލާގެ އެހެން މެންބަރުން ގުޅުވައިދިނުމެވެ. 

..........................................................................................................................................................

މާމެންދޫ އަށް އެރި ނަގޫރޯޅިއެއްގައި ގެއެއްގެ ފުރާޅު އެއްލާލައިފި

  • މާމެންދޫ، ހުޅުދަލީގޭގެ ފުރާޅު ނަގޫރޯޅީގައި އެއްލާލީ ހަވީރު 3:00 ހާއިރު
3 ޖޫން 2019 | ހޯމަ 20:08

ގއ. މާމެންދު އަށް ހޯމަ ދުވަހު ހަވީރު އެރި ނަގޫރޯޅިއެއްގައި ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ.

އެއްބަފާ ދެ ފިރިހެނުން އެކަނި ދިރިއުޅެމުންދާ މާމެންދޫ، ހުޅުދަލީގޭގެ ފުރާޅު ނަގޫރޯޅީގައި އެއްލާލީ ހަވީރު 3:00 ހާއިރު އެވެ.

ފުރާޅު އެއްލާލުމުގެ ސަބަބުން ގޭގެތެރެއަށް ވާރޭ ވެހި ގޭގައި ހުރި ތަކެތި ވެސް ވަނީ ހަލާކުވެފަ އެވެ.



މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ވިދާޅުވި ގޮތުގައި ފުރާޅު އެއްލާލި ގޭގައި ދިރިއުޅެމުންދިޔަ ދެ މީހުން، ދެ ގެއަކަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި އެ ދެ މީހުންނަށް ދެ މީހުންނަށް ދާއިމީ ބޯހިޔާވެހި ކަމެއް ފޯރުކޮށް ދިނުމަށްޓަކައި ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއާ މަޝްވަރާ ކުރައްވާނެ ކަމަށް ޒައީމް ވިދާޅުވި އެވެ.

ފުރާޅު އެއްލާލިއިރު އެގޭގައި އެކަކު އޮތީ ނިދާފަ އެވެ. އަނެއް މީހާ ހުރީ ގެއިން ބޭރުގަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

........................................................................................................................................................................



މުހުސިނުބޭ ގއ. އަތޮޅު ކޯޓަށް ވަޑައިގެންނަވާ އަދި ކޯޓުގެ މަސައްކަތް

 ނިންމަވައި އެބުރި ރަށަށް ވަޑައި ގަތުން


ގއ. އަތޮޅުގައި ހިނގަމުން އައި ރަށްރަށުގެ ނާއިބުގެ އޮފީސްތައް އުވާލައްވައި ގއ. އަތޮޅު ކޯޓު ވިލިނގިލީގައި ހުޅުވުނީ 10 ޖަނަވަރީ 1970 ގައެވެ. އަދި 1979 ވަނަ އަހަރު ރަށްރަށުގެ ކޯޓުތައް ހުޅުވުމާ ހަމައަށް ޚިދުމަތްދެއްވީ އަތޮޅު ކޯޓުންނެވެ.
މިދުވަސްވަރު ކޯޓުގައި ޚިދުމަތް ކުރެއްވި ޤާޟީންގެ ތެރޭގައި އަތޮޅުގެ އެކި ރަށްރަށުގެ ބޭފުޅުން ހިމެނެއެވެ.
އަޅުގަނޑުމެން ތަންކޮޅެއް ޒުވާން ޢުމުރުގައި ކޮންމެ ދުވަހަކުހެން ފެނުނު މަންޒަރެއް މިދުވަސްވަރު މާބޮޑަށް ހަނދާންވާން ފަށައިފިއެވެ.
އެއީ އަތޮޅުކޯޓުގެ ޤާޟީ މާމެންދޫ ޢަބްދުލްމުޙުސިނު މުޙައްމަދު ކޯޓަށް ވަޑައިގަންނަވާ އަދި ކޯޓުގެ މަސައްކަތް ނިންމަވައި ލެއްވުމަށްފަހު އެނބުރި ވަޑައިގަންނަވާ ހިތްފަސޭހަ ބަލައިފޫހިނުވި މަންޒަރެވެ.
އާދޭހެވެ. މާމެންދޫގައި ހުންނަ ޤާޟީގެ އަމިއްލަފުޅު ގެއިން ވިލިނގިލީގައި ހުންނަ ކޯޓަށް އަދި ކޯޓުގެ މަސަައްކަތް ނިންމާލެއްވުމަށްފަހު ގެއަށް ވަޑައިގަންނަވާ މަންޒަރެވެ.
ޤާޟީ ވަޑައިގަންނަވަނީ ރިޔާނެގި ކުޑަބައްތެއްޔެއްގައި ދެކަނޑު ހުރަސްކޮށް ގިނިކަންޏާއެވެ. ކާރެއްގައި ވަޑައިގަންނަވާ ކަހަލަ ދަތުރެއް ކުރައްވާފައެވެ .
އެދުވަސްވަރު ބަދަރުތައް ހަދާފައެއްނެތެވެ. މާމެންދޫ އަދި ވިލިނގިލިގެ ފަޅަކީވެސް ވަރަށް ތިލަ ލަފައި ފުރުން ވަރަށް އުދަގޫ ޙާލަތެއްގައި މަސްވެރީންނާއި ދަތުރުވެރީން ބޭނުންކުރި ދެފަޅެވެ.
ޤާޟީ ޢަބްދުލްމުޙުސިނު ގެއިން މާމެންދޫ "ބަޑެތިރަށް" ވަޑައިގަންނަވާއިރު މާމެންދޫ އިން ބައްތެލި ބަލަހައްޓާ މީހާ ބައްތެލިތައްޔާރު ކޮށްގެން ހުރެއެވެ. ޤާޟީ ބައްތެއްޔަށް އަރާވަޑައިގެން "ރިޔާ ކަނޑާލައި" އެފެއްޓެވީ ދަތުރެވެ. ވައި މަޑުން ޖެހޭނަމަ ރިތްދަނޑި ނަންގަވައި "ކަނބަން" ފަށްޓަވައެވެ.
ކުރިންވެސް ދެންނެވިފަދައިން ކޫއްޑޫކަނޑު ހުރަސް ކުރައްވައި ކޫއްޑޫ ހުޅަނގުފަޅުން ވިލިނގިލީކަނޑު ހުރަސްކޮށް ދެން ދަތުރު ކުރައްވާނީ ވިލިނގިލީ “ދެއްގީމަގުން” ވިލިނގިލީ ކުދިމާގެއާ ދިމާއަށެވެ. އެދިމާއިން ބައްތެލި ބީއްސާލުމަށްފަހު ފުންމަވާލައްވާނީ ވިލިނގިލީ ބަޑެތިރަށެވެ. އެހިސާބުން ބައްތެއްޔާ ޙަވާލުވެ ހުންނާނީ ވިލިނގިލީގައި ހުންނަ ބައްތެލި ބަލަހައްޓާމީހާއެވެ.
ކޯޓުގެ ދުވަހު މަސައްކަތް ނިންމަވާލައްވައި ގެއަށް މާމެންދޫ އަށް ވަޑައިގަންނަވާނީ ދެންމެ މިދެންނެވި މަގުން ކުރިން ވަޑައިގެންނެވި ކޮޅަށެވެ.
މިދެންނެވި ޚާއްޞަ އުޅަނދުގެ އާލާތްތަކާއި އިންތިޒާމްތައް ވަރަށް ފުރިހަމައެވެ. ހުދުކަތިރިޔާ ނަގާ މިބައްތެލީގެ ކިއްސަރު ރީތިވެފައި ލާފައި ހުންނަ ދަވާދު އަބަދުވެސް އަލެވެ.
އިންތިޒާމާއި އާލާތްތައް ހުންނަނީ ހުންގާނުގައި ހުންނަވައިގެން ބޭނުން ކުރެވޭ ގޮތަށެވެ. ރިޔާ ދެފަރާތަށް ބަދަލުކޮށްލެވޭނޭހެން ދެފަށް ދަންމާނު ބޭނުން ކުރައްވައެވެ. ރިތްދަނޑި ބާއްވާފައި އޮންނަނީ ހުންގާނުގައި ހުންނަވައިގެން ބޭނުން ކުރެވޭ ގޮތަށެވެ. ދިޔަ ހިއްކާފަޔާއި ފަލިވެސް ތައްޔާރަށް ހުރެއެވެ.
ވައިމަޑުދުވަސް ދުވަހު ނުވަތަ ދުވެލި ބާރުކޮށްލައްވަން ކަބާއިރު ހަށިގަނޑަށް ގޮތްގޮތްހައްދަވައި މާބޮޑަށް ބާރުލައްވައި ނުހައްދަވާނެއެވެ. ވިލިނގިލީގައި މިމަންޒަރު ބަލަންތިބޭ މީހުން ބުނަނީ އެއީ ގަމީސްކޮޅުގައި ރުލެއް ނުޖައްސަވައި ދާފޮދު ނުހިއްލަވައި ވަޑައިގަތުމަށް ކަމަށެވެ. ކޮންމެއަކަސް މިއީ އެދުވަސްވަރު ކޮންމެ ދުވަހަކުހެން ދެއިރު ދެދަޅައަށް ފެނުނު ހިތްގައިމު ރީތި މަންޒަރެކެވެ.
ކޯޓުގެ އިދާރީ މަސައްކަތްތަކާ ޙަވާލުވެ ހުންނަވާއިރު މާމެންދޫއަށް ވަޑައިގަންނަވަނީ ހަމައެކަނި ހަފްތާ ބަންދަށެވެ. އެހެންވީމާ ހޮނިހިރު ދުވަހު އޮފީހަށް ވަޑައިގަތުމާއެކު ބައްތެލި އެހެލައި ފަރުވާކޮށް ބަލަހައްޓާނެއެވެ. ބައްތެލިބާލައި ދަތުރަށް ތައްޔާރު ކުރާނީ ބުރާސްފަތި ދުވަހު އޮފިސް ނިމޭވަގުތަށެވެ.
މާމެންދޫ އިން އޮފީހަށް ތައްޔާރުވެ ހުދުގަމީސް ތުރު ކުރައްވައިގެން އެއްއަތުން ރުމާލެއް ހިއްޕަވައިގެން ވަޑައިގަންނަވާއިރު އިސްތަށިފުޅުވެސް ހުންނާނީ ތަރުތީބުން އޮމާން ކުރައްވާފައެވެ. ކޮންމެ ދުވަހަކުވެސް ޚިދުމަތަށް ނުކުމެވަޑައިގަންނަވައެވެ. ބަރާބަރު ގަޑިއަށެވެ .
މިވާހަކަ ހަނދާނަށް އައީ މިހާރުމިކިޔާ ނައިޓަށް ރަށަށްދާ ވާހަކަޔާ އެކީގައެވެ. އޭރު ނައިޓަށް ދާން މިހެން ނުކިޔައެވެ. އެކަމަކު ޤާޟީ ޢަބްދުލްމުޙުސިނު މުޙައްމަދު އެދުވަސްވަރު އެވަޑައިގެންނެވީ ނައިޓަށް ރަށަށްތާއޭ ހިތަށް އެބައަރައެވެ.

މަސްދަރު: މިއީ އަދްނާނު ހަލީމް ލިޔުއްވާފައިވާ ލިޔުމެކެވެ.

........................................................................................................................................................................


ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫގެ މަގުތަކާއި ގޯޅިތަކުގެ ނަންލިސްޓް








........................................................................................................................................................................


 ގއ.މާމެންދޫ ކައުންސިލް އިދާރާއްކޫ ރާއްދޭ އެންމެ ފެރެތަން ޖެމްސްގެ ޚިދުމަތެ ގާއިމްކޮޅެ ރަޓާ



ރާއްދޭ އެންމެ ފެރެތަން ސަރުކާރުގެ މުވައްސަސާއެކަން ޖެމްސްގެ ޚިދުމަތެ ގާއިމް ކޮޅެ ރަަޓަށްކޫ ގއ.މާމެންދޫ ކައުންސިލްޔޯ". މިރަޓު މީހެންނަން ފަހުރުވެރިކަމާއެކު ބޮނެވިޔަންނޭ.
މި ޚިދުމަތާ ގާއިމް ކޮޅައު 14 މާރިޗު 2012ގައި. އެން.ސީ.އަ.ޓީ ގެ ޓީމަކުން މިރަޓަން އާހު. ގއ.މާމެންދޫ ކައުންސިލްގެ މުވަޒަފުންނަން މި ޚިދުމަތެ ބޭނުންކެރަންނަން ވެނެ ގޮތުގެ ކްލާސްތަކެކެ ނަގައިދިނާ.    ސިވިލްސަރވިސް 
މުވައްޒަފުންނަން މިިކަމާ ކެޔައިދެންނަން ބޭއްވީ ސެޝަންތަން ނެގޫ 11މާރިޗު2012އިން 14މާރިޗު2012ގެ ނިޔަލަން ގއ.މާމެންދޫ ކައުންސިލް އިދާރައު މީޓިން ރޫމްގައި 

........................................................................................................................................................................





 1980 ގައި ހުވަދުއަތޮޅު އުތުރުބުރީ  (ގއ) މާމެންދޫ  ރައްޔިތުން. މިއީ އޭރުގެ ރައީސުލްޖުމްހުރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމު މިރަށަށް ވަޑައިގެންނެވި ދުވަހުގެ މަންޒަރުތަކެވެ.
 



                     މި ފޮޓޯއިން މި ފެންނެންނޫ ކުރީގެ މިރަޓު ނަމާދެ ކެރަނެ ފަނެ މިސްކިދާ





 
މިރަޓު ރައްޔިތުންނާއި ރައީސުލްޖުމުހުރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމް ބައްދަލެކެރުމުގެ ތެރެއިން 








މިރަޓަން ރައީސުލް ޖުމުހުރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމް ކެރީ ފުރަމާނަ ދަތެރާ ނިންމަހަ ހުރަން ގެޔެ ވޭލޭގެ މަންޒަރެކެ  
 

........................................................................................................................................................................


ތާރީޚްގެ ތެރެއިން ގއ.މާމެންދޫ
ތާރީޚުގެ ތެރެޔަން ބަލަނެވޭލޭ  ގއ.މާމެންދޫއަށްކޫވަސް ތާރީޚީ ކަންތައްތަކެކެ ފާހަގަކޮށްލެވެނެ ރަޓެކެ. ހުވަދުއަތޮޅު އުތުރުބުރީގެ P3ދީފައިވެނެ މިރަޓާ އުފެދީފައިވަނެނޫ ގއ.ކޫއްޑޫ އާއި ގއ.ހުޅެމެންދޫ މެދަން. 

އުމުރުން ދޮފާވީ މީހެނެ ގާތުން އަހައިލަނެވޭލޭ މިރަޓާއްކޫވަސް ތާރީޚީ ރަޓެކެ. އެގޮތަން ބަލަނެވޭލޭ ޝައުޤުވެރިކަން ހުންނާ ފްލޯކް ވާހަކެތަކާއި، ޙަޤީގަތެ ވާހަކެތަން ހިމެނެއި. ކުރީގެ އިހު ޒަމާނު ދިވެހިންނައްކޫ ޅެމާއި، ބަންޖާއި ރައިވަރާއި، ފަރިއްސަށް ފަރިތަ ބައިކެނެ. މިރަޓުގައިޔަސް ޢުމުރުން ދޮފާވީމީހެންނަގެ ތެރޭން ގިނެ މީހެންނައްކޫ ރައިވަރު، ފަރިހި، ބަނދި، ޅެމަން ވަރަން ތަފާތެ ބައިކެނެކަން ފާހަގަ ކޮއްލަން. މި ފޮޓޮވެން މި ފެނެންނޫ މިރަޓު އީދާއި ދިމާކޮޓެ ކޯޑި ކަޑަންދެކާއި  2013ވަނަ އަހަރޭ ނަގައިފައި ވެނެ ފޮޓެވެކެ.

........................................................................................................................................................................

ރޯދެމަހަން ތައްޔާރެވެންނޫ

އިހުޒަމާނެން ފައްޓައިގެން ފަހަކާ ހަމާން ރޯދަމަހަށް ތައްޔާރެވެމުގެ ގޮތުން މިރަޓު ވަރަށްގިނެ ކަން ކަން ކެރަތާ .މިކަން ކަމަން ބަލަނެވޭލޭ ،ރޯދައުގެ ކުރިޔެން އެނެ މަހަހިފުމާއި ގޭގޮން އޮޓެވޭލި ލައި ރީތި ކެރުމައްކޫ ކުރީ ޒަމާނެން ފައްޓައިގެން ވަރަން ވާދެ އޮންނާ ކަމެކެ. އަދި ރޯދާން ތައްޔާރެ ވެންނަން ރޯދާން އެކިއެކި ސާމާނެ ގަނެ ހެދުމައްކޫ އޮންނާ ކަމެކެ. މިކަލެކަން އާހު ދުރު ފަޅެ ރައްރަޓަން ދަތެރެ ހަދައިގެން ގެޔައުމައްކޫ ވަރަށް ފޯރި އާއެކު ކަރަނެ ކަމެކެ. މިކަން ކަން ފުރިހަމަ ނުވީ ފެހެ ރޯދެ މަހާ އާހެންހީނުވެއި މިރަޓު މީހެންނަން ހައްގަން. 😂😂














 

........................................................................................................................................................................



ކުޚިވަރުގެ ރޮގުން ގއ.މާމެންދޫ އައްކޫ ގިނެކާމިޔާބީ ތަކެކެ ހާސިލް ކޮޓެފައިވެނެ ރަޓެކެ. ގއ ގެ އެކި ރައްރަޓާއި ބައްދަލެ ކޮށްގެން ބަށީގައި ގިނެ ކާމިޔާބެތަކެކެ ހާސިލް ކޮޓެފައެވެއި. 2013ވަނަ އަހަރެ ގއ.ވިލިގިއްލާއި އަދި ގއ.ކޮނޑޭ އާއި ބައްދަލެކޮށްގެން ކޮޅުނެ 2 މެޗުންގަސް ވެންނު މިރަޓާ މޮޅޭގޮހޮ




........................................................................................................................................................................




މާޒީގެ ތެރެއަން ބަލައިލަނެވޭލޭ ގއ.މާމެންދޫގެ ވެރިކަންކެރީ ވެރީންނަގެ އިލްމާއި ހިލްމުގެ މޮޅެކަން ވަރަށް ބޮޑަން ފާހަގަވެންނޭ... ހިޔާލީ ފޮލާ ވާދޫރަނާ ބެއްޔާ ގއ ގެ އެކިރަޓެ ނިސްބަތެކޮޓެ ކެޔައިފައިވެނެ އަންބެއްގައި ގއ.މާމެންދޫގެ ވެރިން ގިނަކަން ފާހަގަކޮޓެފައިވެއި. ކުރީޒަމާނުގައިޔަސް މާމެންދޫގެ ވެރިކަމުގެ ޝާޙީ އާއިލާތަކަން ދިފައިވެނެ އާއިލީ ލަޤަބެ މިހިދެސް ބޭނުންކެރަނެކަން އުފަލާއެކު ފާހަގަކެރަން..މީގެތެރެއިން "ބޮޑެގޭ އާއިލާ"، "ކަތީބާބެއްޔާ"ގެ އާއިލާ، "ކުދެއިސްމަހިލުބެއްޔާ"ގެ އާއިލެޔާ،  ފާހަގަ ކޮއްލެވެއި ބޮޑުގޭގެ ތާއަރަފަކަން ބަލައިލަނެވޭލޭ ބޮޑެގެޔައްކޫ ކުރީޒަމާނުގައި ގަޑެވަރެކެކަހަލުގެ ރާއްދޭގެ އިހުގެ ފެންވަރުގައި ހިދުމަތެ ރަގަޅެ އިމާރާތެކެ.. އުމުރެން ދޮފާވީމީހެނެ ގާތުން އަހައި މަޢުލޫމާތެ ސާފެކޮށްލީވޭލޭ .....

ނުނިމެއ..... 

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. ތިޔަ މަސައްކަތުގައި ބަރަކާތްލައްވާށި

    ReplyDelete